ވިއްސާރައިގާ ލިބެމުންދާ ގެއްލުންތައް ބެލުމަށް ރައީސްގެ ހާއްސަ ޓާސްކްފޯސްއެއް

2 months ago

އަފްރާހް

ވިއްސާރައިގާ ލިބެމުންދާ ގެއްލުންތައް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުު ހާއްސަ ޓާސްކްފޯސްއެއް އުފައްދަވައިފިއެވެ.


މިއީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި އުފެއްދެވި ޓާސްކްފޯސްއެކެވެ.


މި ޓާސްކްފޯސްގެ ފުރަތަމަ ބައްދަލުކުރެއްވުން އޮގަސްޓް 13 ވީ އަންގާރަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބާއްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ކަންކަމަށް އަވަސް ހައްލު ހޯދައިދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން ވެސް ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.


މިި ޓާސްކް ފޯސްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ރައީސް ހުންނަވާއިރު، ދެން ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރ ޢަލީ އިޙްސާން އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި ހެލްތު މިނިސްޓަރ ޑރ. ޚަލީލު އާއި އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އެވެ.


މީގެއިތުރުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އާއި ޗީފް އޮފް ސްޓާފް ޢަބްދު ފަޔާޟް އާއި ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް މި ޓާސްކްފޮސްގައި ހިމެނިވަޑައިގަންނަވައެވެ.


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު