ޔޫއޭއީން ރާއްޖެެއަށް ވެދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

2 months ago

އަފްރާހް

އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އިން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.


އެމަނިކުފާނު ޝުކުރުއަދާކުރައްވާފައިވަނީ އެގައުމުގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑޮކްޓަރ މުޙައްމަދު އަލް ކުވައިތީ، ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ، ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޔޫ.އޭ.އީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުޞަތުތަކުގެ ރަމްޒަކީ ދެގައުމުގެ ދެމެދުގައި އޮންނަ އަޚްވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ.


މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބަރ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާއި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫ.އޭ.އީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއުތައް ވެސް ފާހަގަކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެގައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ވަނީ ތައުރީފުކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށް ވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު