މަމްސް ޖަމިއްޔާ އިން ކުރާ މަސައްކަތަށް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްގެ ޝުކުރު

2 months ago

އަފްރާހް

ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ މަމްސް ޖަމިއްޔާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.


މަމްސް އަކީ އެ ވުޒާރާ އިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް، އެހީ ފޯރުކޮށްދިނުމުގައި ވެސް އިސް ރޯލެއް އަދާކުރަމުން އަންނަ ޖަމިއްޔާއެކެވެ.


އެގޮތުން މިހާތަނަށް އެ ޖަމުއިއްޔާއާއި، އެޗްޑީސީއާއި މިނިސްޓްރީ ގުޅިގެން ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު މިފަދަ 6 އާއިލާއަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދީ، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.


މިނިސްޓަރު، މަމްސް އެއިޑްގެ މުއައްސިސުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ އެ ޖަމުއިއްޔާއާއި ގުޅިގެން އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި ގުޅޭ މަޝްވަރާ ކުރައްވާފައެވެ. އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކި ޖަމުއިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކީ ލާމަސީލު އަދި އަގު ނުކުރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ޖަމުއިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ އެ މިނިސްޓްރީން ޝައުގުވެރިވާ އަދި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމެއްގެ ގޮތުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.


އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއި ފުދުންތެރި އާއިލާތައް ބިނާކުރުމަށް މަމްސް އެއިޑްއިން ކުރަމުން ގެންދާ މަސައްކަތްތަކަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ފުދުންތެރި ޢާއިލާތަކެއް ބިނާކުރުމަށް ނުހަނު ބޭނުންތެރި މަސައްކަތަކަށް ވުމާއެކު، އެކަމަކީ އެ މިނިސްޓްރީން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު