ދިވެހި ދަރިވަރުންނަށް ދޭ ފުރުސަތުތަކުން ޢަމަލީ ތަޖުރިބާ ހާސިލުކުރެވޭނެ

2 months ago

އަފްރާހް

އިނގިރޭސިވިލާތުން ދިވެހި ދަރިވަރުންނަށް ދޭ ސްކޮލަރޝިޕްގެ ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން ޢަމަލީ ތަޖުރިބާ ހާސިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށް އެގައުމުގެ ސަފީރު ވިދާޅުވެއްޖެއެވެ.


އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ، ކެރޮން ރޮސްލާ މިފަދައިން ވިދާޅުވީ "ޝިވްނިންގ،މޯލްޑިވިސް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


އެކަމަނާ ވިދާޅުވީ ދެ ގައުމުން ވެސް މަސައްކަތްކުރަމުން ދަނީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން އިތުރުކުރުމަށް ކަމަށެވެ. އަދި އެޒުވާނުންނަކީ އެކި ދާއިރާތަކުގައި ރާއްޖެއަށް ހަދުމަތްކޮށް، ގައުމުގެ މުސްތަގްބަލް ބިނާކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ.


ސަފީރު އިތުރަށް ވިދާޅުވީ އިނގިރޭސި ދައުލަތުން ރާއްޖެއަށް ދޫކުރާ ސްކޮލަރޝިޕްތަކުގެ އަދަދު އިތުރުވެފައިވުމަކީ އުފާކުރާ ކަމެއްކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މި ސްކޮލަރޝިޕްގެ ދަށުން ތަމްރީން ވި ދަރިވަރުންނަށް "އެލުމްނާއި ޕްރޮޖެކްޓް"ގެ ނަމުގައި ގްރާންޓެއް ދެވޭ ކަމަށެވެ.


މީގެއިތުރުން މި ގްރާންޓުން ލިބޭ ފައިސާ އަކީ އެ ދަރިވަރަކު ތައުލީމު ހާސިލުކުރި ދާއިރާއެއްގެ ތަރައްޤގީއަށްޓަކައި ދެވޭ ގްރާންޓެއްކަން ވެސް ފާހަގަކުރެއްވިއެވެ.


"ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް" ގެ ދަށުން ޔޫކޭ ގެ ޚަރަދުގައި 4 ދިވެހި ދަރިވަރުންނަށް އެގައުމުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފޯރުކޮށްދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު