9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

2 months ago

އަފްރާހް

ރާއްޖެއަށް ވައިގެ މަގުން އެތެެރެކުރަން އުޅުނު 6.070 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.


މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މިތަކެތި ފެނިފައިވަނީ ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން ކަމަށެވެ. އަދި މިތަކެތި އަތުލައިގަތީ އޮގަސްޓް 11 ވަނަ ދުވަހު ކަމަށާއި އެއީ 30 އަހަރުގެ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.


ޤަތަރުގެ ދޯހާއިން ރާއްޖެއައި މި މީހާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކޮށްފައިވާއިރު، ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯން (Cathinone)އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.


މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 6.070 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 9,105,000.00 (ނުވަ މިލިއަން އެއް ލައްކަ ފަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.


ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު