ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފި

2 months ago

އަފްރާހް

ޖަޕަނީޒް ގްރާންޓުން ރާއްޖެއަށް ދޭ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް"ގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.


މިއީ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ބައި ޖަޕަނީޒް ގްރާންޓް އެއިޑް" (ޖޭޑީއެސް) ގެ ދަށުން، ޖަޕާނު ސަރުކާރުގެ ޚަރަދުގައި، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވާ 24 ސިވިލް ސަރވިސް މުވައްޒަފުންނަށް، ޖަޕާނުގެ ޔުނިވާސިޓީތަކުގައި 1 އަހަރު ނުވަތަ 2 އަހަރުގެ މާސްޓާރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮއްދިނުމަށް އައު ކުރެވުނު 4 އަހަރުގެ އެއްބަސްވުމެކެވެ.


ވޭތުވެދިޔަ 4 އަހަރު ވެސް މި އެއްބަސްވުމުގެ ދަށުން، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 24 ފުރުސަތުގެ ތެރެއިން 22 ދަރިވަރުން ވަނީ މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވެއެވެ.


ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ މިޑޮރީ ޓަކެއުޗީއެވެ.


މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒިފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ކޮމިޝަނަރ އޮފް ސިވިލް ސަރވިސް ފާތިމަތު ޝަރީފް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަޕާނުގެ އެމްބަސީގެ ފަރާތުން އެ އިދާރާތަކުގެ ބައެއް އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު