4 months ago
ގާރލްގައިޑް ހަރަކާތުގައި ބައިވެރިވެ، ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ގައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި މި ޖަލްސާގައި ގަރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ޤައުމަށްވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި ކޭމްޕަކީ އެކި ގައުމުތަކުން ބައިވެރިވާ ބައިނަލްއަގްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ، އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަޚުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ.
މި ޖަލްސާގައި އެކަމަނާ ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.