ހައްޖު ކޯޕަރޭޝަންގެ އައު އިމާރާތުގެ ބިންގާ ހުޅުމާލޭގައި އަޅައިފި

1 month ago

އަފްރާހް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އައު އިމާރާތުގެ ބިންގާ ހުޅުމާލޭގައި އަޅައިފިއެވެ.


ސެޕްޓެމްބަރ 14 ވީ ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.


ހުޅުމާލޭ އަމީން އެވެނިއު ކުރިމަތިން އޮންނަ ހުސް ބިމުގައި އަޅާ މި އިމާރާތް އަޅަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. "މެޑްޓެކް މޯލްޑިވްސް" އާ ހަވާލުކޮށްފައިވާ މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.


ޖުމްލަ 9 ފަންގިފިލާ ހިމެނޭ މި އިމާރާތުގެ މަސައްކަތް ނިމުމާއެކު އެ ކޯޕަރޭޝަންގެ އޮފީސް ހުޅުމާލެ އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ އިމާރާތުގެ ބައެއް ފަންގިފިލާތައް އޮފީސް ޖާގައިގެގޮތުގައި ކުއްޔައްދީގެން އާމްދަނީ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.


ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ އެ މަޝްރޫއު މެޑްޓެކް އާ މީގެކުރިން ހަވާލުކުރީ 86 މިލިޔަން ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް އެއީ ބޮޑު އަގެއްކަމުގައިވާތީ، މަޝްވަރާކުރުމަށްފަހު 79 މިލިޔަން ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ.


މިއީ އެ ކޯޕަރޭޝަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަން ފާހަގަކުރައްވައި، ޝަކީލު ވަނީ ހައްޖު ކޯޕަރޭޝަން ކޮޅަށްޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.


މިއީ ހައްޖު ކޯޕަރޭޝަން ކޮޅަށް ޖެހުމުގެ ފުރަތަމަ މަސައްކަތް ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި މަސައްކަތްތައް ވެސް އިއުލާންކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ރައީސްގެ ގަރާރަކުން 2013 ވަނަ އަހަރު އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 


ކިޔުންތެރިންގެ ހިޔާލު