ކޮންމެ މީހަކަށް ވެސް ދިރާގު ކަސްޓަމަރަކަށްވެ، ލޯންޗެއް ހޯދުމުގެ ފުރުސަތު

1 month ago

އަފްރާހް

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމުގައި އެންމެ ގިނަދުވަސްވީ ކުންފުނި، ދިރާގުގެ 36 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.


މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވީ ދިރާގު ހެޑް އޮފީހުގައި ސެޕްޓެމްބަރ 16، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިންގ ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ މިރުޝާން ޙަސަންއެވެ.


އޭނާ ވިދާޅުވީ މިފަހަރުގެ އިނާމަކީ އާއިލާ އާއެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސްދަތުރު ދިއުން ފަދަ ތަފާތު ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރ މަހުގެ ނިޔަލަށް ކަަމަށެވެ.


"ޕްރޮމޯޝަންގައި ބައިވެރިވެވޭނެ މި އަހަރުގެ ޑިސެމްބަރު 15 އާ ހަމައަށް. އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ 2025 ޖެނުއަރީގަ. އެންމެ ބޮޑު އަގުގެ އިނާމުގެ ނަސީބުވެރިޔާ ހޮވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު." މިރުޝާން ވިދާޅުވިއެވެ.


މީގެއިތުރުން މިރުޝާން ވިދާޅުވީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މިއީ ދިރާގު ކަސްޓަމަރަކަށްވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.


އޭނާ ވަނީ ނަސީބުވެރިއަކީ އެ ކުންފުންޏަށް އަލަށް ގުޅޭ ކަސްޓަމަރަކަށް ވުމަކީ ވެސް ހަމަވެދާނެ ކަމެއްކަމަށާއި އެހެންކަމުން އިތުރު ވިސްނުމަކާއި ނުލާ ދިރާގު ކަސްޓަމަރަކަށް ވުމަށް އެދޭ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.


މި ޕްރޮމޯޝަންގެ ބޮޑު އިނާމު ކަމަށްވާ ސްޕީޑު ލޯންޗަކީ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ލޯންޗެކެވެ. އަދި މި ބޯޓުގައި 175 ހޯސްޕަވަރުގެ ޔަމަހާ ދެ އިންޖީނު ވަނީ އަޅާފައެވެ.


"ވިން އަ ސްޕީޑްބޯޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗަރޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށެވެ.


މީގެއިތުރުން މަހުން މަހަށް ދޭ އިނާމުތަކުގައި ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕްއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ގަޑި، ސްޕޯޓްސް ފިޝިންގ ގިއަރ ސެޓް މަހުން މަހަށްދޭ އިނާމުތަކުގެ ތެރޭގައި ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު