ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެންމެ ޚަރަދުކުޑައީ ގަސްއިންދުން: ރައީސް

1 month ago

އަފްރާހް

ރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަގީންކަން ބޮޑު ހައްލު ކަމަށެވެ.


ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ދުވަހަށް މިއަހަރު އ.ދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.


ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސް ޑރ. މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވީ މި އަހަރުގެ ޖޫން މަހުއެވެ.


ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.


މި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.


ކިޔުންތެރިންގެ ހިޔާލު