އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި

19 hours ago

އަފްރާހް

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޮކްޓޯބަރ 21 ވަނަ ދުވަހު އެ މައްސަލަ ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


އެހެންނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.


މި މައްސަލަ ފެންމަތުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.


އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަންގެއާގެ ޢަބްދުﷲ މިޔާދު އެވެ. އުމުރުން 40 އަހަރުގެ މިޔާދު ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖޭން ބޭރުގައި ހުރެފައި މާލެ އައިތަނުން އޮކްޓޯބަރ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.


އޭނާ ހައްޔަރުކުރީ އޭނާ ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީފައިވާތީ ކަމަށް ފުލުހުން ވިދާވެފައި ވެއެވެ. އަދި އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލަ ވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު