އައްޑު ސިޓީގައި ހާލު ކިހިނެއް ޕްރޮގްރާމު ދަނީ ބާރަށް ކުރިއަށް

11 hours ago

އަފްރާހް

އައްޑު ސިޓީގައި ކުރިއަށްގެންދާ ހާލު ކިހިނެއް ްރޮގްރާމުގައި އެ ސިޓީގެ ހުރިހައި ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް، އާއިލާތަކުގެ އާންމު ހާލަތު ބެލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސޯޝަލް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ްރޮގްރާމުގައި އޮކްޓޯބަރ 22 ވަނަ ދުވަހު ހުޅުދޫ ކައުންސިލާއި ބައްދަލުކޮށް، އެރަށުގައި ހާލު ކިހިނެއް ޕްރޮގްރާމް ފެށުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. 3އަދި ހުޅުދޫ ކައުންސިލާއި ގުޅިގެން ގެތަކަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.


ހުޅުދޫގައި މި މަސައްކަތް ފަށާފައިވާއިރު، މީދޫ ކައުންސިލުގެ އެހީތެރިކަމާއެކު އެ ރަށުގައި ވެސް މި ޕްރޮގްރާމު ފަށައި، ގެތަކަށް ޒިޔާރަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ހާލު ކިހެނެއް؟" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިގެން ކުރިއަށް މިގެންދަނީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.


މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.


މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހައި ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް އެ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅައި މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.


މީގެއިތުރުން ހާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީގެ ޓީމުތަކުން ގެންދަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އަހުމަދު

ރަގަޅުކަމެއް، ނަމަވެސް ހަލުބަލަން ގެއަކަށް ވަދެ އެންމެ ހާއްސަ ކަމެއްދޭންވާ ފަރާތް ، ( ނުކުޅެދޭ ބަލި މީހާ )، ލޮލުން ބަލާ ނުލާ ތިޔަ ބުނާ ޓީމު މެންބަރުން ގެއިން ދަނީ، އެ ގޮތަށް ހާލުބަލާ ޕްރޮގްރާމް ނިންމާ މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ދިޔަކަމުގެ ލަގަބާ މެޑަލް ލިބޭނެ، ނަމަވެސް ރައްޔިތުން އެކަން ބަލައެއް ނުގަންނާނެ،

10 hours ago