ކްލައިމެޓް ފައިނޭންސިންގގެ ކަންކަމަށް ކުރާ ހަރަދު ބޮޑުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

2 hours ago

އަފްރާހް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަގްރީރު ކުރައްވަމުންނެވެ.


ނައިބު ދެއްކެވި ވާހަކަފުޅުގައި ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ނާޒުކު އާބާދީތަކަށް ހާއްސަކޮށް ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން ކްލައިމެޓް ފައިނޭންސިންގގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށް ނައިބު ވަނީ ގޮވާލައްވާފައެވެ.


މީގެއިތުރުން ކްލައިމެޓް ފައިނޭންސްގެ ދާއިރާއިން އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރު އަމާޒެއް ކަނޑައެޅުމަށް ވެސް ގޮވާލެއްވިއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށް ވެސް އަމާޒުތަކެއް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.


ހަމަމިއާއެކު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ފަދަ ނާޒުކު ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަގްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.


ނައިބު ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު އެކަމަށް އެއްބަސްވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.


ރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ގައުމުތަކަށް ބޭނުންވާ މާލީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވައި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ނައިބު ތައުރީފު ކުރެއްވިއެވެ.


ނައިބު ވަނީ ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ) އަށް ރިއާޔަތްކުރައްވައި، ގައުމުތަކުން ހާސިލުކުރަންވީ ވަކިވަކި އައު އަމާޒުތަކެއް (އެންޑީސީޒް) ކަނޑައެޅުއްވުމަށް ވެސް ވަނީ ގޮވާއްލަވާފައެވެ. އަދި 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި، އަންނަން އޮތް ޖީލުތަކަށާއި، ދުނިޔެއަށް ޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.


"ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" އަކީ ކޮމަންވެލްތު ސެކްރަޓޭރިއަޓުން އިންތިޒާމްކުރެއްވި ހަރަކާތެކެވެ. ސީއެޗްއޯޖީއެމްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ އިސްވެރިއަކަށް ހުންނަވަނީ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.


ކިޔުންތެރިންގެ ހިޔާލު