ރައީސް ވިދާޅުވީ ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ދީނާއި ގައުމަށް ލިބޭނެ ކާމިޔާބީއެއް ނެތް ކަމަށް

1 month ago

އަފްރާހް

ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ދީނާއި ގައުމަށް ލިބޭނެ ކާމިޔާބީއެއް ނެތް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިްޒު ވިދާޅުވެެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މެކްސިކޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމީ އުސޫލުތަކާއި ހިލާފު ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށް، އެ މުބާރާތުގައި ބައިވެރިވުމަށް ދިވެއްސަކު މަސައްކަތް ކުރަމުންދާކަމަށް މީޑިޔާގައި އަޑުފެތުރެމުންދާ ދަނޑިވަޅެއްގައެވެ.


މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތްކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޕޯސްޓުގައި އިސްރާ ސޫރަތުގެ 81 ވަނަ އާޔަތާއި އެ އާޔަތުގެ މާނަވެސް ހިއްސާކުރައްވާފައެވެ.


" وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ"


އެމަނިކުފާނު މިފަދައިން ޕޯސްޓޫކުރައްވާފައިވާއިރު، އިސްލާމީ އަގީދާއާ ހިލާފު ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުން ސަރުކާރުން ބަލައިނުގަންނަ ކަމަށް ޔޫތް މިނިސްޓްރީން ވެސް ވަނީ ވިދާޅުވެފައެވެ.


އެ މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނުގައި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީތީގެ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއްކަމަށް ދޭހަވާގޮތަށް ޚަބަރުތަކެއް ފަތުރަމުންދާކަން ފާހަގަކޮށް، ވިދާޅުވީ އެފަދަ އެއްވެސް މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއްނޫންކަމަށެވެ.


މީގެއިތުރުން އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހްލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ޚިލާފު ކަމެއްކަމުގައި އެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު