23 hours ago
އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ޔާސިރު ހަސަން ފުރުން މަނާކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހުން ރާއްޖެއިން ފުރުން މަނާކުރީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއިގުޅިގެން ކަމަށެވެ. އަދި އެ ދެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެ، އެކަން މިހާރު އަންގާފައިވާކަމަށެވެ.
މޫސާ އަލިމަނިކާއި ޔާސިރު ހަސަން ދިރިއުޅޭ ގެއާއި، އެމީހުންނާ ގުޅުންހުރި ދެތަނެއް ބަލައި، ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެއީ ޑިސެމްބަރ 27 ވަނަ ދުވަހުއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މިހާރުގެންދަނީ ތަހުގީގުކުރަމުންނެވެ. މިމައްސަލާގައި އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިޔަން ރުފިޔާ ވަދެފައިވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ފުލުހުން ކުރިންވިދާޅުވެފައިވަނީ މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިޔަން ރުފިޔާ ވަދެފައިވާއިރު، އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަން ފާހަގަކުރައްވައި، ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށް ފުލުހުން ހާމަކުރައްވައެވެ. އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށް ވެސް ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ހިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ވެސް ވަދެފައިވާކަން ތަހުގީގަށް ހާމަވާކަމަށެވެ.