1 month ago
އެނދުމަތިނުކޮށް ދޭ ފަރުވާތަކަށް އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
އާސަންދަ އޮފީހުން ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމްގެ އިސްލާހީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ހިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެނދުމަތި ނުކޮށްދެވޭ ފަރުވާ ހިދުމަތްތަކަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ހިދުމަތް ހޯދުމަށް އަންނަ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، ހިދުމަތުގެ މެމޯ ތައްޔާރުކުރުމުގެ ކުރިން، އެކަން ކަށަވަރުކޮށް އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމާއި ހޯދަން އެދޭ ހިދުމަތަކީ އަމިއްލަ އިންޝުއަރެންސުން ކަވަރުކުރާ ހިދުމަތެއްނަމަ، އެ އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުން (އެންމެހައި ޚިދުމަތްތަކާއި ބޭސްސިޓީ ހިމެނޭގޮތަށް) ވަނީ ނިންމާފައެވެ.
މީގެއިތުރުން މިހާރު ޢަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް، އައުޓް ޕޭޝަންޓް ހިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލްނުކުރުމަށާއި އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ހިދުމަތެއް، އާސަންދައިން ލިބޭނަމަ، އެ ހިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން ހިމެނެއެވެ.
ހަމަމިއާއެކު އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވެފައިވާނަމަ އަދި އާސަންދައިން އެ ހިދުމަތެއް ލިބޭނަމަ، އެ ހިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުމާއި އަމިއްލަ އިންޝުއަރެންސެއް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތާއި ގުޅޭ ކަވަރޭޖް ލިމިޓް ހުސްނުވާނަމަ، ހިދުމަތް ފޯރުކޮށްދިނުމުގައި އާސަންދަ ޕޯޓަލް ބޭނުންނުކުރުމާއި ބޭސް ސިޓީ ލިޔުމަށް ވިނަވި ޕޯޓަލް ބޭނުން ނުކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭނެކަމަށާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ބިލްތަކަށް މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުން އާސަންދަ ސްކީމުން ހިދުމަތް ދިނުމަށް ވެސް އެ ކުންފުނިން ވާނީ ހިދުމަތްދޭ ފަރާތްތަކަށް އަންގާފައި ކަމަށް ވެސް ވިދާޅުވެއެވެ.
މި ކަންކަމާ ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދޭނެ ކަމަށާއި ހިދުމަތް ދިނުމުގައި މަތީގައި ދަންނަވާފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް މަރުކަޒަކުން ޢަމަލުކުރާނަމަ އާސަންދައަށް ޝަކުވާ ހުށަހެޅުމަށް ގާއިމުކޮށްފައިވާ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބަރ/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖުން ޝަކުވާ ހުށަހެޅުއްވުމަށް ވެސް އެދިލައްވައެވެ.