17 hours ago
ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާ އަށް އައި އިންޑިއާގެ ޓީމު ފުރައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުރާފައިވާ ކަމަށެވެ. އަދި އެޓީމު ފުރީ ޑިސެންބަރު 22 ވަނަ ދުވަހު ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައި ކަމަށެވެ. އަދި ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ، ސީސީޓީވީ ފުޓޭޖާއި ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ.
ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ނަގާނެ މުހުލަތެއް ހާމައެއް ނުކުރައްވައެވެ.
އެ ޓީމާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މީގެކުރިން ވިދާޅުވެފައިވަނީ އެ ހާދިސާގެ ފުރިހަމަ ތަހްގީގެއް ކުރައްވާނެކަމަށާއި ބޭރުގެ ތަހުގީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
އެ ހާދިސާގައި ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރްމެންޓް މިނިސްޓްރީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.