1 month ago
ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ހުޅުއްވައިފިއެވެ.
ޒަމާނީ ފެންވަރަށް ގާއިމުކޮށްފައިވާ މިތަން ހުޅުވައިދެއްވީ ނޮވެމްބަރ 2 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނޭ މި ފެސިލިޓީ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި މަޝްރޫއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫއު ކުރިއަށް ނުގެންދެވުނީކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އޮޅު ހިޔާ މަޝްރޫއު ހަގީގަތަކަށް ހެދުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ނަމުގައި މިނިސްޓްރީއެއް ގާއިމުކުރެއްވުން ފާހަގަކުރެއްވިއެވެ. އަދި މި ފެސިލިޓީ ގާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަސީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވިކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކާ ބައްދަލުކުރައްވައި އެކައުންސިލްތަކުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ "އޮޅު ހިޔާ" ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.