ކޮޕް29 ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި

1 month ago

އަފްރާހް

އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.


މި ސަމިޓުގެ މިއަހަރުގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ.


މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްގީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ޤައުމެއްގެ ޙައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.


ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ނޭޝަންސް އަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެއްވުމަށް ރައީސް މިއަހަރުގެ ކޮންފަރެންސްގައި ވެސް ވަކާލާތުކުރައްވާނެއެވެ.


މިދިޔަ އަހަރު ބޭއްވި ކޮޕް28 ގައިވެސް އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިން ސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދުވަނީ އެ ޖަލްސާގައި އިއުލާންކުރައްވާފައެވެ.


ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގްވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށް މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. އަދި ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްގީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ ނިންމާފައެވެ.


މިސެޝަންގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ވަނީ ގްރޫޕް ފޮޓޯއެއް ނަންގަވާފައެވެ. ކޮޕް29 ގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. މި ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު