11 hours ago
"ވީއިގްނައިޓް" ގެ ޕާޓްނަރޝިޕް އެއްބަސްވުމުގައި ދިރާގުން ވިލާ ކޮލެޖާއިއެކު ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގައި ދަރިވަރުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ތައާރަފުކުރެވޭ ބިޒްނަސް އިންކިއުބޭޓަރ ޕްރޮގްރާމެކެވެ.
ދިރާގުން ވިދާޅުވީ މިއީ ވިލާ ކޮލެޖުގެ ސެންޓަރ ފޯ އިނޮވޭޝަން އެންޑް އެންޓަޕްރިނިއަރޝިޕް ޑިވެލޮޕްމަންޓް (ސީއައިއީޑީ) ގެ ދަށުން ތައާރަފުކުރެވޭ ޕްރޮގްރާމެއް ކަަމަށެވެ. އަދި މި ވިޔަފާރި އިންކިއުބޭޓަރ ޕްރޮގްރާމަކީ އަލަށް ފަށާ ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މީގެއިތުރުން މި ޕްރޮގްރާމްގެ ދަށުން އެފަރާތްތަކަށް ޢަމަލީ މެންޓަރޝިޕާއި ވިޔަފާރި ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަމާއި މުހިންމު ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު ލިބިދޭނެކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އައު އީޖާދީ ވިޔަފާރީގެ ހިޔާލުތައް ތަރައްގީކުރެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަސަރެއް ކުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިރާގުގެ ސީއެސްއާރުގެ ދަށުން ކުންފުނިން އިންކިއުބޭޓަރަށް މަތީ ސްޕީޑްގެ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި މުހިންމު ހަރަކާތްތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިރާގުން އިތުރަށް ވިދާޅުވީ ދިރާގުގެ ހުނަރުވެރި މުވައްޒަފުން މި ޕްރޮގްރާމްގައި މެންޓަރުންނާއި ލަފާދޭ ފަރާތްތަކުގެ ގޮތުގައި ހިދުމަތްކުރާނެ ކަމަށާއި މި ޕްރޮގްރާމްގެ އެޑްވައިޒަރީ ބޯޑުގައި ވެސް ބައިވެރިވާނެކަމަށެވެ.
މި ޕްރޮގްރާމް ފުރަތަމަ އަމާޒުކުރެވޭނީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނަމަވެސް ފަހުން މުޅި ގައުމުގައި އައު އީޖާދުތަކާއި އިގްތިސާދީ ކުރިއެރުން ގެނައުމަށް ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖުތަކާއި މުޖުތަމައުތަކަށް ފުޅާކުރާނެކަމަށް ދިރާގުން ހާމަކުރައްވައެވެ.