ބަކާގެ ހަޔާތުން ޒުވާން ޖީލަށް ވަރަށް ގިނަ ފިލާވަޅުތަކެއް ބުނެދީފި: ނައިބު ރައީސް

3 months ago

އަފްރާހް

ދިވެހި ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރ މުހައްމަދު އާރިފް (ބަކާ) ގެ ހަޔާތުން ޒުވާން ޖީލަށް ވަރަށް ގިނަ ފިލާވަޅުތަކެއް ބުނެދީފި ކަމުގައި ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


ބަކާގެ ހަނދާނުގައި ޕީއެސްއެމުން ގެނެސްދިން ޚާއްސަ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބަކާ މުޅި ރާއްޖެއަށް ބުނެދިނީ ހަޔާތަކީ ވަގުތެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އަބަދުމެ ތައްޔާރަށް ތިބެންޖެހޭ ކަންކަމަށެވެ.


"ބަކާގެ ޙަޔާތުން ޒުވާން ޖީލަށް ވަރަށް ގިނަ ފިލާވަޅުތަކެއް ބުނެދީފި. ކޮންމެ ކަމެއް ދިރިއުޅުމުގައި ކުރިނަމަވެސް ސައްޙަ އަޤީދާގެ މަތީގައި ހުރުމުގެ ފުރިހަމަ ނަމޫނާ ދައްކައިފި." ނައިބު ވިދާޅުވިއެވެ.


މީގެއިތުރުން ޕްރެކްޓިސްގައާއި ރައްޓެހިންނާއެކު ބޭރުގައި އުޅެމުން ވެސް ނަމާދު ވަގުތާއި ދީނީ ކަންކަމަށް ބަކާ ދިން ސަމާލުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ކޮންމެ މީހަކު ވެސް މިސާލު ލިބިގެންނަންޖެހޭ ކުޅުންތެރިއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.


މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ޖޫން 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ހާލު ސީރިއަސްވެގެން އެނދުމަތިކުރީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މާލެ އައިތާ ދެތިން ދުވަސް ފަހުންނެވެ.


ބަކާ ހައްޖަށް ދިޔައީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު