ދިވެހީންގެ އެހީގައި ޣައްޒާގައި 300 މީހުންގެ ޖާގައިގެ އިތުރު މިސްކިތެއް ބިނާކޮށްފި

3 months ago

އަފްރާހް

ދިވެހީންގެ އެހީގައި ޣައްޒާގައި 300 މީހުންގެ ޖާގައިގެ އިތުރު މިސްކިތެއް ބިނާކޮށްފިއެވެ.


މިއީ ޚިދުމަތް ޖަމިއްޔާގެ އިސްނެގުމުގެ މަތިން ފަލަސްތީނުގެ ޣައްޒާގައި ބިނާ ކުރި ވަގުތީ ދެ ވަނަ މިސްކިތެވެ.


އެ ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ވަގުތީ ފުރަތަމަ މިސްކިތް ހުޅުވައި ނަމާދުކުރަން ފެށީ މިދިޔަ މެއި މަހުގެ ފަހުކޮޅުއެވެ. އަދި ދެވަނަ މިސްކިތް ހުޅުވައި ނަމާދުކުރަން ފަށާފައިވަނީ މި ހަފުތާގައެވެ.


މި ދެ މިސްކިތަށް ވެސް އެއްފަހަރާ ގާތްގަޑަކަށް 300 މީހުންނަށް އަރައި، ނަމާދު ކުރެވޭނެ ކަމަށާއި މިއީ އެ ޖަމިއްޔާގެ ޣައްޒާ އެމަޖެންސީ ފަންޑަށް ދިވެހި ރައްޔިތުންގެ ފަރާތުން ފޮނުވާ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތްތައް ކަމަށް އެ ޖަމިއްޔާ އިން ހާމަކުރައްވައެވެ.


އެ ޖަމިއްޔާ އިން އިތުރަށް ބުނީ ތިން ވަނަ މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް މިހާރުފަށާފައިވާ ކަމަށާއި ހަލުުވިކަމާއެކު މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އެ މިސްކިތް ވެސް ހުޅުވައި، ނަމާދުކުރަން ފެށޭނެ ކަމަށް ވެސް ބުނެއެވެ.


ޚިދުމަތް ޖަމިއްޔާ އިން އަންނަނީ ޣައްޒާ އަށް ގިނަގުނަ އެހީތަކެއް ދިވެހީންގެ ނަމުގައި ފޯރުކޮށްދެމުންނެވެ. އެގޮތުން ފަލަސްތީނުގެ ޣައްޒާއަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ޑެއިލީ ފުޑް ޕެކޭޖު ފޯރުކޮށްދިނުން ހިމެނެއެވެ.


މިފަދަ ދީލަތި އެހީތައް ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީ ގިނައިން ލިބިގެން ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.


އެހީތެރިވެދެއްވުމަށް (އެމަރަޖެންސީ ފަންޑް)

ޚިދުމަތް- 7770000141499

ކިޔުންތެރިންގެ ހިޔާލު