އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ މަސައްކަތްތައް މަޖިލީހާ ހިއްސާކޮށްފި

3 months ago

އަފްރާހް

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއާއި ހިއްސާކޮށްފިއެވެ. 


އެ މިނިސްޓްރީން ހިއްސާކޮށްފައިވަނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކެވެ.


މި މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ 5 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ އައިޝަތު ޝިހާމް އާއި ވުޒާރާގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


އިޖުތިމާއީ ކޮމެޓީގެ މި ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގަޔާއި، ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.


ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު