ވިޝަން 2050 މަސައްކަތު ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

3 months ago

އަފްރާހް

ވިޝަން 2050 މަސައްކަތު ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ބައިވެރިވެއްޖެއެވެ.


މިއީ އެ ވުޒާރާ އިން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް، އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ބާއްވާފައިވަނީ ޖުލައި 1 ން 3 ގެ ނިޔަލަށެވެ.


ޒުވާނުންނާއި މަސައްކަތުގެ ތަޖުރިބާކާރުން ބައިވެރިވެގެން ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައިވަނީ މުސްތަޤުބަލުގައި ރާއްޖެ އޮންނާއި ގޮތާއި، ސިޔާސަތުތައް ބައްޓަންކުރަންވީ ގޮތާއި، އެ ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގޮސްފައެވެ.


އެއާއެކު މިގޮތަށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަމާއި، ސިޔާސަތުތައް އެކުލަވާލާއިރު އެކި މަރުހަލާގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ މުހިންމު މަސައްކަތްތަކަށް ވެސް ވަނީ މި ބައްދަލުވުމުގައި އަލިއަޅުވާލާފައެވެ. އަދި ކުރިމަގުގައި ދިވެހިރާއްޖެ އޮންނާނެ ގޮތާއި، ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމާއި ގުޅޭގޮތުން ވަކިން ޚާއްސަކޮށް ޒުވާނުންނަށް އަދާކުރެވޭނެ ދައުރުތައް މި މަސައްކަތު ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.


ވިޝަން 2050 މަސައްކަތު ބައްދަލުވުމުގެ އެންމެ ފަހު ދުވަސް ޚާއްސަކޮށްފައިވަނީ 2050 ވަނަ އަހަރުގެ ދިވެހިރާއްޖެ އޮންނާނެ ޙާލަތު ތަޞައްވުރު ކޮށް، ބައިވެރިން ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލައި، ޕްލޭންތައް އެކުލަވާލުމަށެވެ. އެއަށްފަހު މި ކަމާއި ގުޅޭގޮތުން އެކި ގްރޫޕުތަކުން ޚިޔާލުތައް ހުށައަޅާ އެންމެންގެ ފީޑްބެކް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.


ވިޝަން 2050 މަސައްކަތުބައްދަލުވުމުން ނިންމުމަށްފަހު ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަޙްމަދުއެވެ.


ކިޔުންތެރިންގެ ހިޔާލު