މިންހެޔޮ ކާނާ ފޮތް ލޯންޗުކޮށްފި

3 months ago

އަފްރާހް

"ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗު ކޮށްފިއެވެ.


ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ މިފޮތް ލޯންޗުކޯށްފައިވަނީ ޖުލައި 4 ވީ ބުރާސްފަތި ދުވަހު، ހެލްތު މިނިސްޓްރީގެ މޫމިނާ ޙަލީމް މާލަމްގައެވެ.


ހެލްތު މިނިސްޓަރ ޑރ. ޚަލީލް މިފޮތް ލޯންޗުކޮށްދެއްވިއިރު، މި ރަސްމިއްޔާތުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ހެލްތު މިނިސްޓްރީން ވިދާޅުވީ މިއީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން އެޗްޕީއޭ އާއި ޔުނިސެފް ގުޅިގެން އެކުލަވާލާފައިވާ "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.


އެޗްޕީއޭ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ތައްޔާރުކޮށްފައިވާ މިފޮތު ގެ އީ-ބުކް ވާރޝަން މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.


މި ފޮތުގައި ހަމަސް ފުރުމުން ދަރިފުޅަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާއި ފައިދާ ހުރި ތަފާތު ކާނާ އިޚުތިޔާރު ކުރާނެ ގޮތާއި ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ވަނީ ހިމަނާފައެވެ.


އުމުރުން 6 މަހާއި 23 މަހާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް، ތައްޔާރުކޮށްފައިވާ މި ފޮތުގައި 30 ރެސިޕީއެއް ހިމަނާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު