މަދުރަސީ ދައުރުގައި ދަރިވަރުންނަށް ހަކުރުބަލީގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމު

3 months ago

އަފްރާހް

މަދުރަސީ ދައުރުގައި ދަރިވަރުންނަށް ހަކުރުބަލީގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.


މެޑަމް ސާޖިދާ ވަނީ މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.


އެގޮތުން މިއީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ އެއް ބަލިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރަމުންދާ ފަރާތެއްކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ވެސް ފާހަގަކުރެއްވިއެވެ. އެ ތިން ކަމަކީ ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މައުލޫމާތު ހޯދާ މީހަކަށްވުމާއި ލިބޭ މައުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާހު ކުރުމާއި ހަކުރުބަލި ތަހައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި، އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަންދިނުން ކަމުގައި ވިދާޅުވިއެވެ.


މި ހަފުލާގައި ވަނީ މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް، އެކަމަނާ ނެރެދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު