5 months ago
ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުގައި ހުންނެވި އިމާދު ސާލިހު މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރުއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ލުބްނާ ވިދާޅުވެފައިވަނީ އެން.ޑީ.އޭގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސާލިހު އެ މަގާމުން ވަކިކުރުމަށް އެން.ޑީ.އޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ.
އެ އިދާރާގެ މަގްސަދާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދަމުން ގޮސްފައި ނުވާކަން ފާހަގަކުރައްވައި ލުބްނާ ވިދާޅުވީ އެ އިދާރާގެ ހާލަތު ދެނެގަނެ، އިސްލާހީ ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށެވެ.
އެންޑީއޭގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނެވި ލުބްނާ ވަނީ އެ އިދާރާގެ ހާލަތު ދެނެގަތުމުގެ މާލީ އޮޑިޓަކާއި އިދާރާ ހިންގުމާ ގުޅޭ އޮޑިޓެއް ވެސް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ.
"އޮޑިޓުތަކުން ފާހަގަކުރެވުނީ އެން.ޑީ.އޭގެ މަގްސަދާ، އިދާއިރާއިން ސަރުކާރުގެ ސިޔާސަތުތައް ބޭނުންވާ ސްޕީޑްގައި ތަންފީޒުކުރުމުގެ މިސްރާބަށް މަސައްކަތްތައް ކުރިއަށްނުދާކަން." ލުބްނާ ވިދާޅުވިއެވެ.
މީގެއިތުރުން ލުބްނާ ވަނީ އެ އިދާރާ ރިފޯމުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށާެއި އެޖެންސީއަށް އައު ސީ.އީ.އޯއެއް އައްޔަނުކުރުމަށް ބޯޑުން ބޭފުޅަކު ނޮމިނޭޓްކުރައްވާ އެ މަސައްކަތްތައް ބޯޑުން މިހާރު ކުރަމުންދާ ކަމަށެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު ސާލިހު އައްޔަންކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.