މެނިންގޮކޯކަލްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ނިންމާލައިފި

3 months ago

އަފްރާހް

ރާއްޖޭން މެނިންގޮކޯކަލް ބަލި ޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ނިންމާލައިފިއެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އެބަލި ހުރި މީހަކު ރާއްޖޭން ފެނުމާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިން ނިންމާލިއިރު، ފާހަގަކުރެވިފައިވަމީ ކުރީން ވެސް ފާހަގަވި 46 މީހުން ކަމަށެވެ. އަދި އިތުރު މީހަކު އެބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.


މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން މިބަލި ފެނުމާއިގުޅިގެން އެޗްޕީއޭ އިން ވަނީ ހާއްސަ ސަމާލުކަމެއް ދެއްވައިގެން މި ބައްޔާއިބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފައްތަވާފައެވެ.


އެގޮތުން މިބަލި ފެތުރޭގޮތާއި ބަލިން ސަލާމަތްވާނެ ގޮތުގެ މައުލުމާތު މީސްމީޑިއާގެ އެކި މަންސަތަކާއި އެހެނިހެން މަންސަތައް ބޭނުން ކުރައްވައިގެން ގެންދިޔައީ ކުރައްވަމުންނެވެ.


ނޭވާލާ ނިޒާމުގެ ޒަރީއާ އިން ފެތުރޭ މިބަލިޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު، މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.


މެނިންގޮކޯކަލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ގަދައަށް ހުން އައުމާއި އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުމާއި ބޮލުގައި ރިއްސުމާއި ގަދަ އައްޔަށް ބަލަން އުނދަގޫވުމާއި ބޯއެނބުރުމާއި ބޭރަށް ހިންގުމާއި އަތްތިލައާއި ދެފައިތިލަ ފިނިވުމާއި މާބޮޑަށް ނިދިއައުން ފަދަ އަލާމާތްތައް ހިމެނެއެވެ.


އެޗްޕީއޭ އިން ވަނީ ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު