ދިވެހީން އަބަދު ވެސް ތިބޭނީ އިސްލާމީ އުންމަތުގެ ހައްގުގަ: ރައީސް

3 months ago

އަފްރާހް

އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލުމަށް އިސްނަގައި، އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދު ވެސް ދެމިތިބޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.


ރައީސް ވަނީ ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް އަޒުމަކީ ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށެވެ.


"ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުން. މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.


މީގެއިތުރުން ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑަ ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.


އެ ޚިތާބުގައި ވިދާޅުވީ ހިޖްރީ އައު އަހަރު އަޅުގަނޑުމެންނަށް ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށެވެ. އަދި ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ ކަންކަން ކުރެއްވި ގޮތާއި މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތައް ކަމަށެވެ.


މީގެއިތުރުން މައްކާ ފަތަހަ ކުރެއްވުމުގެ ބޮޑު ކާމިޔާބީއާއި އޭގެ 10 ވަރަކަށް އަހަރު ފަހުން ހާސިލްކުރެއްވި ގޮތަކީ ކޮންމެ ގައުމެއްގެ ކުރިއެރުމާއި ކާމިޔާބީއަށް ވެސް އަގުހުރި ދަރެސްތަކެއްކަން ފާހަގަކުރެއްވިއެވެ.


މި ފެށުނު އައު އަހަރަކީ މަދަދާއި ރަހްމަތާއެކު ރާއްޖެއަށް ފާގަތި އަހަރެއް ކަމުގައާއި ތަރައްގީގެ ރޮނގުގައި ދިވެހީން އެދޭ އެތައް އުންމީދެއް ހަގީގަތަކަށް ވާނޭ އަހަރެއް ކަމުގައި ހެދުމަށް ރެޔާދުވާލު، ހިންމަތާއެކު ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު