ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް: މިނިސްޓަރ

3 months ago

އަފްރާހް

ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ "ގޯ ގްރީން" ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.


ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށް ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ކޮންމެ މީހަކުވެސް އެމީހެއްގެ މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ވެސް އެދިވަޑައިގެންނެވިއެވެ.


"ގޯ ގްރީން" އިވެންޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިޢާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު

Sanfa

Anni verikamu indhi gasthakun hiya nulibenytho?

3 months ago