ގައުމެއްގެ ކުރިއެރުމަށް ރައްޔިތުން އެއްބައިވަންތަވުން މުހިންމު: ރައީސް

3 months ago

އަފްރާހް

ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ ޢާއިލާތައް ބަދަހިވާން ޖެހޭކަމަށާއި މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ކޮންމެ ފަރުދަކު ވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭ ކަމަށާއި އިސްރާފު ނުކުރުމާއި ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ގައުމުގެ އިގްތިސާދު ހަރުދަނާވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.


ރައީސްގެ ހިތާބުގައި އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.


އެ ހިތާބުގައި އިތުރަށް ވިދާޅުވީ ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމުގައެވެ. އަދި ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުންދާކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމައު އިހުމާލުވެފައިވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު