ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކުގައި ބާއްވަނީ

3 months ago

އަފްރާހް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކުގައި ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް އިން ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާނަމަ، އެ ދެ އިންތިހާބު އެކުއެކީގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ވެސް އެ ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް މީގެކުރީން ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުމުން ކުރަންޖެހޭ ހަރަދު ކުޑަވާނެކަމަށް ވިދާޅުވެފައެވެ.


ޕީއެންސީގެ ހަރުގެ، ހ. ވެޔޮވިލާގައި މިހާރު ކުރިއަށްދާ ހަރުގެ ޖަލްސާގައި ރައީސް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުންގެ ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފުރިޔާ ހަރަދުވެފައިވާކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އެ އިންތިހާބަށް ކުރި ހަރަދުތަކުގެ ތެރެއިން އަދިވެސްސާފުނުވާ ބައެއް ބިލުތައް ހުރުމުން އެ އިންތިހާބަށް ސީދާދިޔަ ހަރަދު ވިދާޅުނުވެވުނަސް، މަދުވެގެން އެހާވަރު ހަރަދުވި ކަމަށް ވިދާޅުވިއެވެ.


މި ދެ އިންތިހާބަކީ ވެސް ހައެއްކަ މަސް ދުވަހުގެ މުއްދަތެއް އެ ދެމެދުގައި އޮތް އިންތިހާބުތަކެއްކަން ފާހަގަކުރައްވައި، މި ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ ދައުލަތުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު