މަޖިލީހާއި ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު މަދުކުރަނީ

3 months ago

އަފްރާހް

ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު، ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ މެންބަރުން އިންތިހާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ޕީއެންސީން ޖުލައި 7 ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރައްވާނެ ކަަމަށެވެ. އަދި އެކި ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު ވެސް މަދުކުރައްވާނެ ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ މިކަން މިގޮތަށް ހެދުމަށް ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށް ވެސް ވިދާޅުވިއެވެ.


އަތޮޅު ކައުންސިލުތައް މިހާރުހޮވަނީ މާނައޮތް ގޮތެއްގައި ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް، އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު