މިލަންދޫ ބަނދަރު މަސައްކަތް ދަނީ ކުރިއަށް

3 months ago

އަފްރާހް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ދަނީ ކުރިއަށް ކަމުގައި އެމްޓީސީސީން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 ޕަސެންޓާއި ބަނދަރުގެ ޕޭވިންގ މަސައްކަތްތަކުގެ 22 ޕަސެންޓް ނިމިފައިވާ ކަމަށެވެ.


އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެ ކަމަށެވެ. އަދި 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ވެސް ފުންކުރާނެ ކަމަށެވެ.


މީގެއިތުރުން 8,400 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 583 މީޓަރުގެ ބޭރުތޮށި ލައި، 316 މީޓަރުގެ އެއްގަމުތޮށި ވެސް ލާނެ ކަމަށެވެ. އަދި 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.


އެ ކުންފުނިން ވަނީ 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން ވެސް މަޝްރޫއުގައި ހިމެނޭ ކަމަށެވެ. އަދި އެކްސަސް ޕްލެޓްފޯމެއް ހެދުމާއި 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭއިރު، މިއީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު