ދޮށީ އުމުރުގެ މީހުންގެ ދަފްތަރާއެކު ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާ ނުވާނެ

3 months ago

އަފްރާހް

ދޮށީއުމުރުގެ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލެވުމާއެކު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި އެއްވެސް މީހަކު ނުހުންނާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.


އެ ވުޒާރާ އިން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ގައުމީ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ގައުމީ ފެންވަރުގެ ސަރވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ.


މި ސަރވޭއަށް ފަހު އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށް ގައުމީ ދަފްތަރެއް އެކުލަވާލެވިގެން ދާ ހިނދު، ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގޭބީސީއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބަލައިލެވޭނެ ނިޒާމު ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.


އެއާއެކު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި މީހަކު ހުރިކަމަށް ވާނަމަ އެކަން ދެނެގަނެވި އެމީހުންނަށް ފުރަތަމަ މަރުހަލާގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް އެ ވުޒާރާ އިން ފާހަގަކުރައްވައެެވެ.


މީގެއިތުރުން މިފަދަ ގައުމީ ދަފްތަރެއް އެކުލަވައިލާ އޭގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރެވެން ފެށުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއި އެމީހުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އާއިލީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއެކު އެމީހުންނަކީ އަބުރުވެރިކަމާއެކު މުޖުތަމައުގައި އުޅޭ ބަޔެއްކަން ކަށަވަރުކުރުމަށް މުޖުތަމައު ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް ކުރެވިގެންދާނެ ކަަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު އެމީހުންނަށް ދައުލަތުން ފޯރުކޮށްދޭ އެލަވަންސްގެ ފައިދާ އެމީހުންނަށް ކުރާ މިންވަރާއި، އެމީހުންގެ ހާލަތު ގާތުން ބަލައި މޮނިޓަރކުރެވި، މީގެ ސަބަބުން، އިހުމާލުވުމާއި، އަނިޔާގެ މައްސަލަތަކާއި މުޖުތަމައުން ބާކީވާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަވާސާވުންފަދަ ބޮޑެތި އިޖުތިމާއީ މައްސަލަތަކުގެ ޝިކާރައަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ވެގެން ދިއުމުގެ ފުރުސަތު ބޮޑުތަނުން ކުޑަވާނެ ކަަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު