އައި.ސީ.ސީ.ޕީ.އާރުގެ ގައުމީ ރިވިއުގައި ރާއްޖެއިން ބައިވެރިވަނީ

3 months ago

އަފްރާހް

އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ ޤައުމީ ރިވިއުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.


މިކަން ހާމަކުރެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ ޖުލައި މަހުގެ 9 އިން 10 އަށް ސްވިޓްޒަލޭންޑްގެ ޖެނިވާގައި ބާއްވާ މި ރިވިއުގައި ރާއްޖެއިން ބައިވެރިވާ ވަފުދުގެ އިސްވެރިޔާއަކީ ބަންޑާރަ ނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމް ކަމަށެވެ.


ރާއްޖެއިން ވަނީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ 40 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން 2 ވަނަ ޕީރިއޯޑިކް ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މަހު ހުށަހަޅާފައެވެ.


މި ރިޕޯޓު އެކުލަވާލައި ނިންމާފައިވަނީ ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް (އެން.އެމް.އައި.އާރު.އެފް) ގެ ދަށުން އުފައްދާފައިވާ އައި.ސީ.ސީ.ޕީ.އާރު ސަބްކޮމިޓީންނެވެ. މި ރިޕޯޓުގެ މައްޗަށް ބިނާކޮށް، އައި.ސީ.ސީ.ޕީ.އާރުގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ރާއްޖޭގެ ރިޕޯޓު މުރާޖަޢާކުރުމަށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 9 އަދި 10 ވަނަ ދުވަހު ޖެނީވާގައި ބޭއްވުމަށް ހަމަޖައްސާފައެވެ.


މި ބައްދަލުވުމުގައި ރާއްޖޭގައި ފާހަގަކުރެވޭ މިންތީގެ މައްސަލަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒުތަކާ ގުޅޭ މައްސަލަތަކާއި ގުޅިގެން ހުށައެޅޭ ސުވާލުތަކަށް މި ވުޒާރާއިން ޖަވާބުދާރީވާނެއެވެ.


މި ވަފުދުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ރައީސް އޮފީހުގެ ޤާނޫނީ ކަންކަމާބެހޭ ވަޒީރު އަލްއުސްތާޛު އަޙްމަދު ހިޝާމް ވަޖީހު، އެ އޮފީހުގެ ޕަބްލިކް ޕޮލިސީއާބެހޭ ޕްރިންސިޕަލް ސެކްރެޓަރީ ޢަބްދުﷲ ނާޒިމް އިބްރާހީމް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެ ވަޑައިގަންނަވައެވެ.


މީގެއިތުރުން ފޮރިން މިނިސްޓްރީއާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ރައީސް އޮފީހުގެ ޓެކްނިކަލް ޓީމްތައް ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ސީނިއަރ ލީގަލް ކައުންސެލް އަލްއުސްތާޛާ ޢާއިޝަތު އިފާދާ އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ލިއުޝާ ނަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު