އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރޭ: ޝަމްޢާން

3 months ago

އަފްރާހް

އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން އިލްތިމާސް ކުރައްވައިފިއެވެ.


މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ގާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއްކަން ހަނދާން ކޮށްދެއްވާފައެވެ.


މީގެއިތުރުން އެފަދަ ފަރާތްތައް އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަން ވެސް ހަނދާންކޮށްދެއްވިއެވެ.


“އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް." ޝަމްޢާން ވިދާޅުވެފައިވެއެވެ.


ޝަމްޢާން މިފަދައިން ހަނދާންކޮށްދެއްވާފައި މިވަނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ކުރާ ބިދޭސީން އަތުލައިގަތުމަށް ދިވެހި ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަދުވަސްވަެއްގައެވެ.


މި އޮޕަރޭޝަންގައި މިހައިތަނަށް ވެސް ގިނަ ފަރާތްތަކެއް ހޯދައި، ބައެއް ފަރާތްތައް ވަނީ ޑިޕޯޓު ވެސް ކޮށްލާފައެވެ.


މީގެއިތުރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ޖުލައި 8 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު