5 months ago
މާލޭގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގައި ހިމެނޭ، މާލޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެން މިހާރުވަނީ ކުރިޔަށްދާން ފަށާފައިވާ ކަމަށެވެ.
މާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރެވެނީ ރައީސް އޮފީހުގެ ނާރސަރީ ގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރ ކޮށީގައެވެ. މި މަސައްކަތް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ މިއަހަރުގެ ނިޔަލަށެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން2016 ވަނަ އަހަރު ފެށުމަށްފަހު އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެއެވެ. މިކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.
މާލޭގައި ޤާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ .225 ކިލޯ މީޓަރުދިގު ހޮޅިލައިންއާއި، ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާނސްފަރ ޕަމްޕް ސްޓޭޝަންއެވެ. މީގެތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފެށިފައެވެ.
ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިންނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެއެވެ.
މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.