ނިރުބަވެރިކަމަށް މީހުންނަށް ދައުވަތު ދެމުންގެންދަނީ ޓެކްނޮލޮޖީ މެދުވެރިކޮށް: ޣައްސާން

3 months ago

އަފްރާހް

ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މިންވަރު އަންނަނީ އިތުރުވަމުން ކަމުގައި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.


ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެފިކުރަށް މިކަމުގައި ޝާމިލްނުވާ އައު މީހުން ލެންބުމަށް އެފަދަ ޢަމަލުތައް ހިންގާ މީހުން މަސައްކަތްކުރަމުން އަންނަކަމަށެވެ.


މީގެއިތުރުން މިފަހަކަށް އައިސް ނިރުބަވެރިކަމަށް މީހުންނަށް ދައުވަތު ދެމުންގެންދަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ކަންކަން ކުރުމަށް ހިތްވަރު ދެމުންގެންދާކަން ފާހަގަކުރައްވައި ވިދާޅުވީ މިކަމުގެ ޝިކާރައަކަށްވަނީ ދިވެހި ޒުވާނުން ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޒުވާނުންގެ ޝާމިލްވުން އެންމެ ބޭނުންވާ ވަގުތު، އެ ޒުވާން ސިކުނޑިތަކަށް ފޯރުކޮށްދެނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ފަހަތުގައި ފިލާ ބަޔަކު ތިބެގެން ގައުމަށް ގެއްލުންދޭ ފިކުރުތައް ކަމަށެވެ.


ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ކުރިއަށްވުރެ ބޮޑަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި ޣަައްސާން ވަނީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ޚަރަދު ވެސް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކާ އަދި ހައްސާސް މައްސަލައެއް ކަމަށާއި ޓެރަރިޒަމް ހުއްޓުވޭނީ ކަމާއިބެހޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު