ކަމަދޫ ބަނދަރު މަޝްރޫއު ނިމުމަކާއި ގާތަށް

3 months ago

އަފްރާހް

ބ. ކަމަދޫ ބަނދަރު މަޝްރޫއު ނިމުމަކާއި ގާތަށް ހިނގައްޖެއެވެ.


މި މަަސައްކަތް ކުރައްވާ އެމްޓީސީސީން ވިދާޅުވީ އެ މަޝްރޫއުގެ 93 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 އިންސައްތަ ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55 އިންސައްތަ ވެސް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.


މި މަޝްރޫއުގެ ދަށުން 25,500 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަރ ބޭސިން ފުންކޮށް، 5,433 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 5,085 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން 173 މީޓަރުގެ ބޭރުތޮށި ލައި، 402 މީޓަރުގެ އެއްގަމުތޮށި ލައި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމަށް ވެސް މި މަޝްރޫއުގައި ވަނީ ހިމަނާފައެވެ. އަދި ދެ ރޭމްޕެއް ހެދުމާއި 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަކީ ވެސް މަޝްރޫއުގައި ހިމަނާފައި ވެއެވެ.


ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމަނާފައިވާ މި މަޝްރޫއުގެ އަގަކީ 51.44 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު