ހަ ބައި-އިލެކްޝަނުން 5 ބައި-އިލެކްޝަން ޕީއެންސީ އަށް – ރައީސްގެ މަރުހަބާ

3 months ago

އަފްރާހް

ޖުލައި 20 ވީ ހޮނޮހިރު ދުވަހު ބޭއްވި ހަ ބައި-އިލެކްޝަންގެ ތެރެއިން ފަސް ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.


އެ ކޮންގްރެސް އިން ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއާއި މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާއާއި ހުޅުމާލެ ދާއިރާއާއި މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ.


މި ގޮނޑިތަކުގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރިއިރު، ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އަލީ އައިމަން ހުޅުމާލެ ދާއިރާ ކާމިޔާބުކުރިއިރު، އިބްރާހިމް އަހުމަދު ކާމިޔާބުކުރީ ކުޅުދުއްފުށި އުތުރު ދާއިރާ، އަދި އަރީހް އިސްމާއިލް ވަނީ ބިލެއްދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހޯއްދަވާފައެވެ.


މި ބައި-އިލެކްޝަންގައި ޕީއެންސީ އަށް ގެއްލުނީ ރ. ރަސްމާދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެވެ.


ޕީއެންސީން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބީ ހޯއްދެވި އެ ޕާޓީގެ ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ 6 ބައި އިލެކްޝަނުން 5 ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށާއި، ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތައް އަދި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.


މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 13،112 މީހުންނަށް ލިބިފައިވީނަމަވެސް ވޯޓުލާފައިވަނީ އެންމެ 26 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު