ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ އާއި ކާފަގެ ދައުރާއި ގުޅޭ މައުލޫމާތު ސެޝަނެއް!

3 months ago

އަފްރާހް

ދަރިން ތަރުބިއްޔަތު ކުރުމުގައި މާމަ އަދި ކާފަގެ ދައުރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.


ޔުނިސެފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވަނީ ކުދިންގެ ދިރިއުޅުމުގައި ކާފަ އަދި މާމަ އަދާކުރާ ރޯލުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.


މީގެއިތުރުން ކުދިންނާއި އެކު ވަގުތު ހޭދަކުރުމާއި، މާމަ އާއި ކާފަގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި، އެމީހުން ބޭނުންކުރި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުތައް ކުދިންނަށް ކިޔައިދީ އެ ތަޖުރިބާތައް ކުދިންނާއި ހިއްސާކުރުމުގެ ބޭނުންތެރިކަމާއި ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.


ހަމައެއާއެކު ދަރިންނާއި މާމަ ނުވަތަ ކާފަ ދަރިންނާއި ދެމެދު އޮތް ޖީލުގެ ތަފާތުތަކާއެކު، ކުދިންނާއި ވާހަކަ ދައްކާ ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ގުޅިގެން ވެސް ސެޝަނުގައި ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ބައިވެރިންގެ ޚިޔާލު ވެސް މަޝްވަރާކޮށްފައިވެއެވެ. އަދި ކުދިންނާއި މާމަ ނުވަތަ ކާފައާއި ދެމެދު އޮންނަ ގުޅުންތައް ހީނަރުވުމަށް ދިމާވާ ސަބަބުތަކާއި، އެކަން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވްރާކުރެވިގެން ގޮސްފައިވެއެވެ.


އާއިލީ ދިރިއުޅެއް ކުދިންނަށް ހޯދުމުގައި ކުދިންނަކީ އާއިލީ ގުޅުންތަކުގެ ތެރެއިން، އެ ގުޅުންތަކުގެ ލޯބި ފުރިހަމައަށް ލިބިގެން ބޮޑުވާ ކުދިންނަށް ވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.


އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ އާއިލީ ގުޅުން ބަދަހިކުރުމާއެކު، ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ ނުވަތަ ކާފައަށް ބައިވެރިވެ ހިއްސާވެވިދާނެ ގޮތްތަކާއި ގުޅޭ މުހިންމު ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވުނު ސެޝަނެއްގެ ގޮތުގައި ބައިވެރިން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު