ކާނާ ވިހަވި ދަރިވަރުންނަށް އެހީތެރިވެދިން ފަރާތްތަކަށް ފުލުހުންގެ ޝުކުރު

3 months ago

އަފްރާހް

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަރުވާދޭން ޖެހުނު ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.


އެ އިދާރާ އިން ވަނީ މި ހާދިސާގައި، އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުންނާއި ސަދަން ރީޖަންގެ ސިފައިންނާއި ދާޚިލީ ވުޒާރާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީ ކައުންސިލާއި ރެޑް ކްރެސެންޓާއި ޕަބްލިކް ހެލްތުގެ އެހީތެރިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތައް، ހެލްތު ސެންޓަރުތައް އަދި އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ވެސް ފާހަގަކުރެއްވިއެވެ.


މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އިރު، އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ވަނީ ފަރުވާދޭން ޖެހިފައެވެ. އަދި އައިސީޔޫގައި ފަރުވާދެމުންދާ ދެ ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.


އައިސީޔޫގައި ފަރުވާދެމުންދާ ދެ ދަރިވަރުންގެ ހާލު ވެސް މިހާރުއަންނަނީ ރަނގަޅުވަމުންނެވެ.


ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގި ގޮތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަކަމަށާއި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު