ފުޅަދޫގައި އުފާވެރި ރާސްތާ ޕްރޮގްރާމް ބާއްވައިފި

3 months ago

އަފްރާހް

މާޅޮސްމަޑުލު ދެކުނުބުރި ފުޅަދޫގައި އުފާވެރި ރާސްތާ ޕްރޮގްރާމް ބާއްވައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން އެރަށު ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީއާއެކު އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބޭއްވި މި ޕްރޮގްރާމުގައި 30 ބައިވެރިން ވަނީ ބައިވެރިވެފައެވެ.


މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ.


އެ ވުޒާރާ އިން ވިދާޅުވީ މި ޕްރޮގްރާމުގައި މައިންބަފައިން ބަލަހައްޓަމުން ގެންދާ ފަރާތްތައް ވެސް ވަނީ ބައިވެރިވެފައިވާ ކަމަށެވެ.


އުފާވެރި ރާސްތާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ހުރެ، ރަނގަޅު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ދަސްވެގެންދިޔައެވެ.


މީގެއިތުރުން ފަރުވާތެރިކަމާއެކު އެކި ކަންކަމަށް ދުވަހުގެ ވަގުތުތައް ބަހާލައި، އިންތިޒާމުކުރަން ވެސް ދަސްވިއެވެ. އަދި ބައިވެރިން ފާހަގަކުރީ، ސިއްހަތަށް ގެއްލުންހުރި ކާނާއިން ދުރުހެލިވުމަށްޓަކައި ކުރީބައިގައި ކާނާ ތައްޔާރުކުރުމުގެ މުހިންމުކަން އެނގި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ފައިދާހުރި އިރުޝާދުތަކެއް ލިބުނުކަން ވެސް ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު