5 months ago
ގދ. ތިނަދޫ ސިޓީ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އެ ސިޓީގައި ގާއިމުކުރި ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަ ޠާރިޤު އިބްރާހީމެވެ. ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ ސަޢުދު ޢަލީއެވެ.
ފެން ހިންދާ ނިޒާމެއް ތިނަދޫގައި ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމެވެ.
މިނިސްޓަރ ތާރިގް ވިދާޅުވީ މިއީ އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދެވުނު މުހިއްމު މަޝްރޫއެއް ކަމަށެވެ.
ޒަމާނުއްސުރެ އެސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ، މީހުންނާއި ދުއްވާ އުޅަދުތަކަށް އެތައް އުނދަގުލެއް ދިމާވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. މި ޕްރޮޖެކްޓްގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން އިންނެވެ.
މި ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 48,333,211.77 (ސާޅީސްއަށް މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ދުއިސައްތަ އެގާރަ ރުފިޔާ ހަތްދިހަ ހަތް ލާރި) ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ރަށުގައި 5,262.81m މީޓަރުގެ އަކުއަ ސެލް (aqua cell) ނެޓްވޯކް އަކާއި 9,562.36m މީޓަރުގެ (HDPE) އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ގާއިމްކޮށްފައެވެ.