އަންނައަހަރުގެ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް ހާއްސަ ކަމެއް ދެނީ

5 months ago

އަފްރާހް

މިސަރުކާރުން ކުޅިވަރު ތަރައްގީކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ހާއްސަކަމެއްދެއްވައިގެން އިންގިލާބީބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


"ޕެރިސް 2024 އޮލިމްޕިކްސް" ގައި ރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއްކަމުގައި ވެސް ވިދާޅުވެފައެވެ.


މީގެއިތުރުން ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމަށް ވެސް ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހައި މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ ވެސް މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ވިދާޅުވިއެވެ.


ރައީސް ޑރ. މުއިއްޒު ވަނީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.


މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާފަހަރެވެ.


މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 


ކިޔުންތެރިންގެ ހިޔާލު