ގަވަރުނަރު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގަ

3 months ago

އަފްރާހް

މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް، މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.


މި ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ގަވަރުނަރުގެ މަގާމުން އެމަނިކުފާނު ވަކިކުރަން ރައީސް އަށް މަޝްވަރާދިނުމާއިގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އެޖެންޑާކޮށްފައެވެ.


އެހެންކަމުން މިރިޕޯޓް ހުށަހަޅައި ރިޕޯޓަށް ބަހުސްކުރުމަށްފަހު، މިކަމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.


ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް އަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މި މަހުގެ 17 ވީ ބުދަ ދުވަހުއެވެ.


މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި މި މައްސަލަ މާލިއްޔަތު ކޮމިޓީގައި ކުރިޔަށްގެންދިޔައިރު، ގަވަރުނަރއަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ވަނީ ދެއްވާފައެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނު ވަޑައިނުގަންނަވައެވެ.


އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު މަގާމަށް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު