ފުނަދޫ ސްކޫލު ގްރޭޑް 10 ގެ ދަރިވަރުން ތަޖުރިބާ ހޯދުމަށް ޕޮލިޓެކްނިކަށް

3 months ago

އަފްރާހް

ށ. ފުނަދޫ ސްކޫލްގެ ގުރޭޑް 10ގެ ދަރިވަރުންނާއި އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓުން މޯލްޑިވްސް ޕޮލިޓެކްނިކަށް ޒިޔާރާތްކޮށްފިއެވެ.


މިއީ އޯލެވެލް ނިންމާ، މަސައްކަތުގެ މައިދާނަށް ނިކުތުމަށް ދަރިވަރުން ތައްޔާރުކުރުމާއި އެކި ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއިއެކު ތަޖްރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެ ސްކޫލްގެ ގްރޭޑް 10 ގެ 40 ދަރިވަރަކާއި ސްކޫލްގެ ޕްރިންސިޕަލް އަދި 7 އޮފިޝަލަކު ވަނީ ބައިވެރިވެފައެވެ.


މި ޒިޔާރަތުގައި ޕޮލިޓެކްނިކްގެ ލެބްތައް ދައްކައިލުމާއި، ވޯކްޝޮޕްތަކާއި ހިންގާ ތަފާތު އެކިއެކި ކޯސްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.


ޕޮލިޓެކްނިކްގެ ފަރާތުން އެ ސްކޫލަށް ދިން ދައުވަތު ގަބޫލުކޮށް، އެކަމަށް ތަރުހީބުދީފައިވާތީ، ޕޮލިޓެކްނިކުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ އިދާރާއިން ހުރި ފަހި ފުރުސަތުތައް ހިއްސާކޮށްލުމަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއްކަމުގައި ބުނެފައި ވެއެވެ.


މީގެއިތުރުން ޕޮލިޓެކްނިކުން ފެނުނު މަންޒަރުތަކާއި ލިބުނު މައުލޫމާތަކީ އެ ދަރިވަރުން، އެ ދަރިވަރަކު ދާން ބޭނުންވާ ދާއިރާއަކުން ދިޔުމަށް އިތުރަށް ޝައުގުވެރިކަން އުފެދޭނެ ކަންތައްތަކެއް ކަމަށް އުންމީދުކުރާކަމަށް ވެސް ޕޮލިޓެކްނިކުން ބުނެއެވެ.


މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިން، ހުނަރުވެރިން އުފެއްދުމަށް ތަފާތު ކޯސްތަކާއި ތަމްރީން ޕްރޮގްރާމް ހިންގަމުން އަންނަ އިދާރާއެކެވެ.


އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިޓެކްނިކްގެ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އަދި އެފަދަ ކޯސްތައް ރަށްރަށުގައި ހިންގުމަށް ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކު މަސައްކަތް ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކު އަބަދު ވެސް އޮންނާނީ ތައްޔާރަށެވެ.


ކިޔުންތެރިންގެ ހިޔާލު