ހައްޓަށް ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި

3 months ago

އަފްރާހް

އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ "ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފިއެވެ.


މިއީ މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމަށް ޔޫއެންއެފްޕީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.


މި ސެޝަނުގައި ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމް (ޑައިޖެސްޓިވް ސިސްޓަމް) މަސައްކަތް ކުރާ ގޮތާއި، ކާނާ ކެއުމުގައި ހަށިގަނޑަށް ބޭނުންތެރި ފައިދާހުރި ތަކެތި ކެއުމާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ކާނާގައި ފައިބަރ އަދި ޕްރޮޓިން ހިމެނޭ ބައިތައް ގިނަކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލާފައިވެއެވެ.


ހައްޓަށް ހެޔޮ، އަނގަޔަށް މީރު މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދީ، އެއާއެކު ޢމަލީ ގޮތުން އެ ބާވަތްތައް ތައްޔާރުކުރާނެ ގޮތްތައް ވެސް މި ކްލާސްތަކުގައި ބައިވެރިންނަށް ދަސްކޮށްދިނެވެ.


އެއާއެކު، ފެހި ކުލައިގެ ކާތަކެތި ހުރިހާ ވަގުތެއްގައި ކެއުމަށް އާދަކުރުމުގެ މުހިންމުކަމާއި، ވަކިން ޚާއްސަކޮށް ކޮޕީ ފަތާއި، މުރަނގަ ފަތް ފަދަ ފައިދާހުރި ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކެއުމަށް ރަނގަޅު ގަޑިތައް ކިޔާދީފައިވެއެވެ.


މިގޮތުން ހަޖަމު ކުރުމަށް ވަގުތު ދިނުމަށްފަހު ނިދާ ގަޑީގެ 3 ނުވަތަ 4 ގަޑިއިރު ކުރިން ކާން ވާނެކަން ވަނީ ފާހަގަކޮށްފައެވެ.


މިއީ އިސްރަށްވެހިންގެ ނާދީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މި ކްލާހަކީ ހަފްތާއަކު އެއްދުވަހު 2 ގަޑިއިރަށް ކުރިއަށް ގެންދާ ދުޅަހެޔޮ ކާނާ ކައްކާނޭ ގޮތް ދަސްކޮށްދޭ ކްލާހެކެވެ. ޖުލައި 20 ގައި ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ބެޗްގެ 2 ވަނަ ކްލާހުގައި 21 ފަރާތެއް ވަނީ ބައިވެރިވެފައެވެ.


އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ރޯލެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.  


ކިޔުންތެރިންގެ ހިޔާލު