ގައުމުގެ އިގްތިސޯދު ދަތި ހާލަތަކަށް ވެއްޓުނީ ކުރިން އައި ތިން ސަރުކާރުން: ގާސިމް

3 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ލާރި ޗާޕުކުރާށޭ ބުނީމާ ގަވަރުނަރު ޖެހޭނީ އެ ލާރި ޗާޕުކުރަން ކަމުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި މައްސަލައިގެ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ބަހުސްކުރައްވަމުން ގެންދަވަނިކޮށް ނެންގެވި ނިޒާމީ ނުކުތާ ގައެވެ.


އަބްދުލްޣަފޫރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮއްވާ ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 26 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލި، ހަރަދު ބޮޑުވެގެން ދިޔަ ކަމަށެވެ. އަދި ހަރަދަށް ޒިންމާވާ ގާނޫނުން ބައެއް މާއްދާތަކަށް ޢަމަލުކުރުން މަޑުޖައްސާލައި، ހަ ބިލިއަން ރުފިޔާ ޗާޕުކުރަން 19 ވަނަ މަޖިލީހުން ނިންމީ ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ކަމަށެވެ.


އަބްދުލްޣަފޫރު ވިދާޅުވީ ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެވުނު އިގްތިސޯދަކަށް ރާއްޖެ ހެދީ ނިމިދިޔަ ސަރުކާރުން ކަމަށެވެ.


އެހެންނަމަވެސް އެވާހަކަތަކަށް ރައްދުދެއްވައި ނެންގެވި ނިޒާމީ ނުކުތާގައި ގާސިމް ވިދާޅުވީ ފައިސާ ޗާޕްކުރުމާއި ގާނޫނުތައް ހެދުމަކީ ގަވަރުނަރުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ހިނގައިދިޔަ ހުރިހައި ކަމެއްގައި ގަވަރުނަރުގެ ޒިންމާއޭ ކިޔާފައި ވާހަކަ ދެއްކުމަކީ އިންސާފުވެރި ގޮތްތވަނީ ސުވާލު ކުރައްވާފައެވެ.


މީގެއިތުރުން ގައުމުގެ އިގްތިސޯދު ދަތި ހާލަތަކަށް ވެއްޓުނީ މި ސަރުކާރުގެ ކުރިން އައި ތިން ސަރުކާރުން ނެގިހާ ލޯނުތަކާއި ސަރުކާރު ކުންފުނިތަކުން ދެ ގުނައަށް މަސައްކަތްކުރުމުގެ ސަބަބުން ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު